transparency-md.1

As the Maldives signs the Paris Agreement, mechanisms of Climate Change expenditure must be strengthened.

ތާރީޚް: 22 އޭޕްރިލް 2016

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިދިޔަ އަހަރު ބޭއްވުނު ކޮޕް 21ގައި އެއްބަސްވެވުނު ޕެރިސް އެގްރީމަންޓްގައި ސޮއިކުރެއްވުމަށް ދުނިޔޭގެ ވެރިން އދ.ގެ މައިމަރުކަޒުގައި 22 އޭޕްރިލް 2016ގައި ބައްދަލުކުރިއެވެ. ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލު 2 ޑިގްރީއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި ދުނިޔޭގެ 190 ވުރެ ގިނަ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެ އެކުލަވައިލެވުނު އެގްރީމަންޓެކެވެ. މި އެގްރީމަންޓުގައި 120އަށް ގިނަ ޤައުމަކުން ސޮއިކުރި ނަމަވެސް ތަސްދީގުކޮށްފައި ވަރަށް މަދު ޤައުމަކުންނެވެ

މިމަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުން ރައްކާތެރިވުމަށް ރާއްޖޭއިން ކުރާ މަސައްކަތް އަންގައިދޭ މިސާލެކެވެ. މީގެ އިތުރުން މިއެގްރީމަންޓް އެކުލަވާލުމުގައި ކުދި ޤައުމުތައް ތަމްސީލުކުރާ އެއޯސިސްގެ ޗެއާރގެ ގޮތުން ދިވެހިރާއްޖެއިން ކުރި މަސައްކަތަކީވެސް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ދުނިޔޭގެ ސަމާލުކަމަށްގެނައުމަށް ރާއްޖެއިންކުރާ މަސައްކަތް ދައްކުވައިދޭކަމެކެވެ

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކުން ރައްކާތެރިވުމަށް ކުރާމާސައްކަތުގައި އެހީވުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން 2020 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަޑު ދިނުމަށް ނިންމާފައިވާ އިރު، ޕެރިސް އެގްރިމަންޓަކީ މިނިންމި އަދަދުތައް ދިނުމަށާއި އަދި އެފައިސާ ލިބޭ ޤައުމުތަކުން ރަނގަޅުގޮތުގައި ޚަރަދުކުރުމަށް ބާރުއަޅައިދޭނެ އެގްރިމަންޓެކެވެ. ސަބަބަކީ ޕެރިސް އެގްރިމަންޓަކީ މީގެ ކުރިން އެކުލަވާލި މިފަދަ އެގްރީމަންޓްތަކާއި ޚިލާފަށް ޤާނޫނީ ބާރުލިބިފައިވާ އެގްރީމަންޓަކަށްވުމެވެ. އެހެންކަމުން ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީއަށް ވުރެ މަށްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް ޤައުމުތަކުން ކުރާ މަސައްކަތާއި ޚަރަދުތަކާމެދު މިއެގްރީމަންޓްގެ ދަށުން ޖަވާބުދާރީ ވާންޖެހެއެވެ

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމުގެ ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ދިވެހިރާއްޖެ އަކީ އެ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމެވެ. އަދި މިއަސަރުތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަޤުވާމީ އެކިފަރާތްތަކުން، ލޯނާއި އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭ އެއްޤައުމެވެ. 2011 އާއި 2013 އާއި ދެމެދު ދިވެހިރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަށް ކުޑަކުރުމާއި ތައްޔާރުވުމުގެ އެކި ކަންކަމަށް ދައުލަތުގެ ބަޖެޓުން 2.87 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި 2011 އިން 2017 އާއި ދެމެދު މިފަދަ އެހެނިހެން ހަރަކާތްތަކަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އާއި ލޯނުގެ ޒަރިއްޔާއިން 168.17 މިލިއަން ޑޮލަރު އިތުރަށް ހަރަދުކުރުމަށް ވަނީ ކަނޑައަޅާފައިއެވެ. އަދި މީގެ އިތުރުން ގްރީން ކްލައިމެޓް ފަންޑުން، ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމަށްޓަކައި 23 މިލިއަން ޑޮލަރުގެ އެހީ ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރު ޕެރިހުގައި ބޭއްވުނު ކޮޕް 21ގެ ހަވާސާ ހަރަކާތެއްގައި މޫސުމީ ބަދަލުން ދިވެހިރާއްޖެއަށް ކުރާ އަސަރުތަކުން ރައްކާތެރިވުމަށް 3.4 މިލިއަން ޑޮލަރު ދިނުމަށް އިޓަލީއިން ވަނީ ނިންމާފައެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވީހިނދު، މި ފައިސާ، އޭގެ އަސްލު ބޭނުމަށް ޚަރަދުކުރެވޭކަން ރައްޔިތުންނަށް އަންގައިދިނުމުގެ އިތުރުން، މި ފައިސާތައް ޚަރަދު ކުރުމުގައި ނަޒާހާތްތެރިކަމާއި ހާމަކަން ބޮޑު ސިޔާސަތަކެއް ގެންގުޅުމަކީ ޚަރަދުތައް ހިންގުމުގެ އޮނިގަނޑުމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެ، ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމެކެވެ

ނަމަވެސް ހިތާމަޔާއި އެކު ފާހަގަކޮށްލަންޖެހޭކަމަކީ ރާއްޖޭގައި މިފަދަ ޚަރަދުތައް ހިންގުމުގެ އޮނިގަނޑުމެދު ސުވާލު އުފައްދަން ޖާގަ ލިބޭފަދަ ދަނޑިވަޅުތައް ވަރަށް އާންމުކޮށް ފެންނަމުންދާކަމެވެ. މީގެ އެންމެ ބޮޑު އެއް މިސާލަކީ 2014 ވަނައަހަރު މާލެއަށް ކުރިމަތިވި ފެނުގެ ދަތިކަން ނުވަތަ ’ވޯޓާ ކްރައިސިސް‘ އެވެ. 9 ދުވަސްވަންދެން ރާއްޖޭގެ އާބާދީގެ 1/3 ފެނަށްޖެހިފައިތިބެންޖެހުނު މިހާދިސާއަށްފަހު، މިހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި 20 މިލިއަން ޑޮލަރު ބޭނުންވާކަމަށް ސަރުކާރުން ހާމަކުރިއެވެ. އަދި އާންމުންގެ ފަރާތުން މިފައިސާ ހޯދުމަށްޓަކައި އެހީއަށް (ޑޮނޭޝަންއަށް) އެދި ހުޅުވާލިއެވެ. މިހާދިސާއަށް 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަދާހަމައަށްވެސް މިދެންނެވުނު ބޮޑު އަދަދު އައީ ކިހިނެއް ކަމާއި މިހާތަނަށް މީގެތެރެއިން ލިބިފައިވަނީ ކިހާފައިސާއެއްކަން އަދި މިއީ ކޮންކަމަކަށް ޚަރަދުކުރަންކަން ހޯދި ފައިސާއެއްކަންވެސް ސާފުކޮށްދެވިފައެއްނުވެއެވެ. ރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކަންބޮޑުވުން އިތުރުކުރުވާ ކަމަކީ ރައްޔިތުންނަށް އެހީވުމަށް ދެވޭ ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ނުހިންގޭކަމެވެ. މީގެ އެއްހެއްކަކީ 2004 ވަނަ އަހަރު އައި ސުނާމީގެ ގެއްލުމުން އަރައިގަތުމަށްޓަކައި ރާއްޖެއަށް ލިބުނު އެހީގެ ފައސާގެތެރެއިން 1.6 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ފަރާތްތައްވެސް އެއްވެސްކަހަލަ ޝަރީޢަތެއް ނުކުރެވި މިނިވަންކަމާއި އެކު ސަރުކާރުގެ މަތީ ފެންވަރުގެ މަޤާމުތަކުގައި ތިބުމެވެ

ޤައުމުގެ ޙާލަތު މިހެން އޮތުމުގެ ސަބަބުން މިއަހަރުގެ އާރތު ޑޭ (22 އޭޕްރިލް) އާއި ދިމާކޮށް ސޮއިކުރެވުނު އެގްރީމަންޓުންވެސް މޫސުމަށް އަންނަ ބަދަލުން އެންމެ ބޮޑަށް އަސަރުކުރުވާފައިވާ އަދި އަސަރުކުރާނެ އާންމު ރައްޔިތުންނަށް އެދެވޭ ބަދަލެއް ލިބިދާނެކަމާމެދު ސުވާލު އުފެދެއެވެ. އެހެންކަމުން، މާޒީގައި ކަންހިނގާފައިވާ ގޮތުން އިބުރަތް ހާސިލުކޮށްގެން ރައްޔިތުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއަށް ލިބޭފައިސާ ޚަރަދު ކުރުމަށް ސަރުކާރަށް ގޮވާލަމެވެ. މިގޮތުން، ފައިސާ ޚަރަދު ކުރުމުގަޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދިނުމަށް މިޖަމްޢިއްޔާއިން އިލްތިމާސްކޮށް ގޮވާލަމެވެ

އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރުން

2013 ވަނަ އަހަރު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިއަށް ގެންގޮސްފައިވާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ކުރެވޭ ޚަރަދުތައް ހިންގުމުގެ އޮނިގަނޑާބެހޭ ދިރާސާ (ކްލައިމެޓް ފައިނޭންސް ގަވަރނެންސް އެސެސްމެންޓް)ގައި ފާހަގަ ކޮށްފައިވާ އެއް މައްސަލައަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިންގޭ މަޝްރޫއު ތަކާ ބެހޭ މަޢުލޫމާތު އެއްތާކަށް އެއްކުރެވި، ފަސޭހައިން ލިބޭނެ ގޮތެއް ނެތުމެވެ. މަޝްރޫތައް ހިންގެނީ ކޮން ތަނެއްގައި، ކޮން ބޭނުމަކަށް އަދި ކޮން ފަރާތަކުން ފައިސާދީގެންކަން އިނގޭނެ މައި ޑޭޓާބޭސްއެއް އެކުލަވާލެވިފައި އެއް ނުވުމެވެ. މިގޮތަށް މި މަޢުލޫމާތު ލިބެން ނެތުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ޚަރަދުތައް ކުރަނީ އެންމެ އެކަށީގެންވާ ގޮތުގައިތޯ ބަލާ މޮނިޓަރ ކުރުމަށް މަދަނީ މުޖުތަމަޢުއަށާއި އާއްމުންނަށް އުނދަގޫވެއެވެ. 2014 ވަނަ އަހަރު މަޢުލޫމާތު ހޯދާ ލިބިގަތުމާބެހޭ ޤާނޫނު ފާސްވެފައި ވީނަމަވެސް، ކަމާ ގުޅުން ހުރި އިދާރާތަކުން އަމިއްލަ އިސްނެގުމަށް މިފަދަ މަޢުލޫމާތު އާންމު ނުކުރުމުގެ ސަބަބުންނާއި، އެފަރާތްތަކުން މަޢުލޫމާތު ހޯދުމުގައި ހުރި އިދާރީ ގޮންޖެހުންތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިންގޭ މަޝްރޫއުތަކާ ބެހޭ މަޢުލޫމާތު ލިބިގަތުމުގައި އަދިވެސް ދަތިތަކެއް އެބަހުއްޓެވެ. އެހެންކަމުން، ރައްޔިތުންނަށް މިކަމުގައި އެކަށީގެންވާ މިންވަރަށް ބައިވެރިވުމަށާއި ފާރަވެރިވުމަށް ހުޅުވާލެވިފައިވާ މާޙައުލެއް ބިމާކުރުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ ސަޤާފަތެއް ގެންގުޅެން ފަށަން އެބަޖެހެއެވެ

ނިންމުންތައް ނިންމުމުގައި ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅުން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ކުރެވޭ ޚަރަދުތައް ހިންގުމުގެ އޮނިގަނޑާއިމެދު ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކަންކަން ނިންމުމުގައި ހާމަކަން ކުޑަވުމެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ލިބޭ އެހީ އާއި އެހެނިހެން ފައިސާ ޚަރަދު ކުރުމާ ބެހޭ ނިންމުންތައް ނިންމަނީ ރައީސް ޔާމީން އެކުލަވާލައްވާފައިވާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް ފަދަ ސަރުކާރުގެ މަތީ ގުނަވަންތަކުން ކަމުގައި ވީނަމަވެސް، މިގުނަވަންތަކުން ނިންމުންތައް ނިންމަނީ ކިހިނެއްކަން، އަދި އެ ނިންމުންތަކަކީ މިހާރު އަމަލުކުރެވެމުންދާ މޫސުމާ ބެހޭ ސިޔާސަތުތަކާ އެއްގޮތްވާ ނިންމުންތަކެއްކަން ނުވަތަ ނޫންކަން މެދު އެއްވެސް މަޢުލޫމާތެއް ލިބޭކަށް ނުހުރެއެވެ. މީގެ އިތުރުން މޫސުމަށް އަންނަބަދަލުތަކާ ބެހޭގޮތުން ލަފާ ދިނުމަށްޓަކާ އެކި ފަންޑުތަކުގެ ދަށުން އެކި އިދާރާތައް (މިސާލަކަށް ސްކޭލިންގ އަޕް އޮފް ރިނިއުއަބަލް އެނަރޖީ ޕްރޮގްރާމްގެ ފަންނީ އަދި ހިންގާ ކޮމިޓީ) އެކުލަވާލެވިފައި ވީނަމަވެސް، އެ އިދާރާތަކުގެ ދައުރާއި މަސްއޫލިއްޔަތުކުގެ މަޢުލޫމާތު ލިބެނީ ތުންތުން މަތިން އިވޭ ވާހަކަތަކުންނާއި މީޑިއާ ރިޕޯޓްތަކުގެ ޒަރިއްޔާއިން އެކަންޏެވެ. އެހެންކަމުން، އާންމުންގެ އިތުބާރު އިތުރުކުރުމަށާއި މަސްލަހަތު ފުށުއެރުންފަދަ ކަންކަން ނުހިމެނޭކަން ޔަޤީންކޮށްދިނުމަށްޓަކައި ނިންމުންތައް ނިންމުމުގައި ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅެއް ޖެހެއެވެ

ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ ޚަރަދުތަށް ކުރެވޭ ގޮތް ބެލުމާއި އެކަމާ ގުޅިގެން ހިންގޭ މަޝްރޫއުތަކުން ކުރާ ފައިދާ ވަޒަންކުރުމުގައި މަދަނީ މުޖުތަމަޢުގެ ދައުރު ވަރަށް މުހިންމެވެ. މި ޖަމްޢިއްޔާތަކަކީ މުޖުތަމަޢުތެރޭގައި، އާންމުންނާ ގުޅިގެން މަޢުލޫމާތު ބަދަލު ކުރުމާއި، ރައްޔިތުންގެ އަޑު އިއްވައިދިނުމުގެ މަސައްކަތްކުރާ އަދި ކުރަންތިބި ފަރާތްތަކެވެ. އެހެންނަމަވެސް މޫސުމާބެހޭ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގައި ދިވެހިރާއްޖޭގައި، ހާއްސަކޮށް މާލެއާއި ދުރު ހިސާބުތަކުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކަށް، ލިބިފައިވާ އޮތް ޖާގައާއި ފުރުސަތު ހަނިކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ ގާބިލުކަން އެންމެ އެކަށީގެންވާ މިންވަރުގައި ލިބިދީފައިނުވާއިރު، މިހާރު ކުރިއަށްދާ ސިޔާސަތުތަކާއި މަޝްރޫއުތަކާ ބެހޭ މަޢުލޫމާތުވެސް އެންމެ އެކަށީގެންވާ މިންވަރަށް ލިބިފައިއެއް ނުވެއެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ނާޒުކު މުޖުތަމަޢުތަކުގެ ހައްޤުގައި އެންމެ ގާތުން މަސައްކަތްކުރަމުންދާ ބައެއްގެ ހައިސިއްޔަތުން، މިފަދަ ޖަމުޢިއްޔާތަކަށް ރައްޔިތުންގެ އަޑު އުފުލާ، އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް މޫސުމާ ބެހޭ ސިޔާސަތުތަކުގައި ހިމެނުމަށް ފުރުސަތު ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ

ފާރަވެރިވާ އަދި ޖަވާބުދާރީކުރުވަން މަސައްކަތްކުރާ މުއައްސަސާތަކުގެ ޒިންމާއަ ދާކުރަންތަންދިނުމާއި އެޒިންމާތައް ރަނގަޅުގޮތުގައި އުފުލުން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ ޚަރަދުތައް ހިންގުމުގައި، ހިންގޭ ކޮރަޕްޝަންގެ އަމަލުތައް ތަހުޤީގުކޮށް މިފަދަ އަމަލުތައް ކުރިމަގުގައި ހިނގިޔަ ނުދިނުމަށް ގެންނަންޖެހޭ އިދާރީ ބަދަލުތަކެއް ގެންނަންޖެހެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ފާރަވެރިވާ އިދާރާތަކަށް، އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާނޫނީ ބާރުތައް ފުރިހަމައަށް ލިބިދީފައި ނެތުމާއި މިނިވަންކަމާއި އެކު މަސައްކަތްކުރުމުގެ މާހައުލެއް ނެތުމުގެ ސަބަބުން އެފަދަ މުއައްސަސާތަކުގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ދަތިވާކަމަށް ފާހަގަވެއެވެ. އެހެންކަމުން، މިދެންނެވުނު ކަންތައްތައް އިސްލާހުކޮށް ފާރަވެރިވާ އަދި ޖަވާބުދާރީކުރުވަން މަސައްކަތްކުރާ މުއައްސަސާތަކުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގެ މަގުފަހިވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ހަމަ އެއާއިއެކު، ޕެރިސް އެގްރީމަންޓްފަދަ ބައިނަލްއަޤުވާމީ މުއާހަދާތައް މަޖިލީހުން ފާސްކުރުމުގެ އިތުރަށް، ދިވެހި ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން، މަޖިލީސް މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ ޚަރަދުތައް ހިންގުމުގައި ބައިވެރިވާ ސަރުކާރުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުން މަޖިލީހުގެ މެމްބަރުން މިހާރަށްވުރެ ފުޅާކޮށް މަސައްކަތްކުރަންޖެހެއެވެ

ސޮއިކުރެވިގެން މިދިޔަ ތާރީޚީ އެގްރިމަންޓާއިއެކު، ރާއްޖޭގައި މޫސުމަށް އަންނަބަދަލުތަކުން ރައްކާތެރިވުމަށް ލިބޭ ފައިސާ ހިންގުމުގެ އޮނިގަނޑު ރަނގަޅުކުރުމަށް ސަރުކާރުން އިސްނަގައިގެން، ފައިސާދޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން އިތުރު ހިތްވަރަކާއި އެކު މަސައްކަތް ކުރަން ފަށަންޖެހިފައިވާކަމަށް މިޖަމްޢިއްޔާއިން ދެކެމެވެ

ނިމުނީ

Download the governance update here: Governance bulleting April 2016