transparency-md.1

ވިސްލްބްލޯކޮށްގެން ގާސިމް އަބުދުލްކަރީމަށް ހުކުމް އިއްވައިފި

ދިވެހިރާއްޖޭގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭގޮތަށް ހިންގުނު އެތައްމިލިއަން ޑޮލަރެއްގެ ފައިސާގެ މުއާމަލާތްތަކާގުޅޭ ބެންކު ތަފުސީލުތަކެއް ހާމަކޮށްލި ވިސްލްބްލޯވަރު ގާސިމް އަބުދުލްކަރީމުގެ މައްޗަށް ދައުވާކޮށް ހުކުމްކުރުމާއިމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިންތިހާއަށް ކަންބޮޑުވެއެވެ.

ގާސިމުގެ މައްޗަށް ހުކުމް ކުރެވިފައިވަނީ އެކަމާއި ދޮކޮޅަށް އާންމުންނާއި ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން އަޑުއުފުލަމުންދިޔަ ދަނޑިވަޅެއްގައެވެ. މިގޮތުން ނިއުޔޯކް ބާ އެސޯސިއޭޝަނުންވަނީ، ދިވެހިރާއްޖޭގެ ޕްރޮސަކިއުޓަރ ޖެނެރަލްއަށް، މި މައްސަލަ ދޫކޮށްލުމަށް އިލްތިމާސް ކޮށްފައެވެ. އަދި މިހުކުމް އިއްވާފައިވަނީ ޓްރާންސްޕޭރަންސީ އިންޓާނޭޝަނަލް އިން، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން އެވާޑަށް ގާސިމުގެ ނަން ހުށަހެޅި ދުވަހުގެ ފަހުދުވަހެވެ.

ވިސްލްބްލޯވަރުންނަކީ ކޮރަޕްޝަނާއި އެނޫންވެސް ނޭއްގާނި އަމަލުތައް ފަޅާއެރުވުމުގައި އިސްދައުރެއް އަދާކުރާ ބައެކެވެ. އެފަދަ ނޭއްގާނި އަމަލުތައް ފަޅާއެރުވުމާ ގުޅިގެން ވިސްލްބްލޯވަރަކަށް އަދަބެއް ދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. ނަމަވެސް ގާސިމުވަނީ ވަޒީފާއިން ވަކިކުރެވި، 133 ދުވަހު ދޫނިދޫގައި ހައްޔަރުކުރެވި، 138 ދުވަސް ގޭބަންދުގައި ބެހެއްޓިފައެވެ. އަދި މިއަދު ގާސިމުގެ މައްޗަށް އިއްވުނީ 8 މަހާއި 12 ދުވަހުގެ ޖަލުހުކުމެކެވެ

މި ހުކުމުގެ ސަބަބުން ދޭހަވެގެންދަނީ ދިވެހިރާއްޖޭގައި ވިސްލްބްލޯވަރުންނަށް ރައްކާތެރިކަމެއް ނެތްކަމެވެ. އަދި އެފަދަމީހުންނަށް ގަދަރު ނުކުރާކަމާއި ބަލައިނުގަންނަކަމެވެ. މީގެއިތުރުން، ވިސްލްބްލޯވަރުންނަށް އަދަބުލިބި، ނޭއްގާނި އަމަލު ހިންގި މީހުން، އެމީހުންގެ ކޮރަޕްޝަންގެ އަމަލުތަކާއިގެން ކުރިއަށް ދިޔުމަށް އެއްވެސް ހުރަހެއް ބިރުވެރިކަމެއްނެތި މަގުފަހިވެގެންދިޔަތަނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި ވިސްލްބްލޯވަރުން ރައްކާތެރިކުރެވޭނެ ހަރުދަނާ ނިޒާމެއް ވަގުތުންވަގުތަށް ބޭނުންވެއެވެ.

 View the press statement here