ކައުންސިލްތަކުގެ އިހުތިސާސް މަރުކަޒީ ކުރުމަށް ހުށަހަޅާފައިވާ ބިލު ވަގުތުން އަނބުރާ ގެންދިއުމަށްގޮވާލާ ނެރޭ ނުސް ބަޔާން
2026 އޯގަސްޓް
ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު މެދުވެރިކޮށް ސަރުކާރުން ހުށަހަޅާފައިވާ، ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިމާއި ފަޅުގެ ސަރަހައްދުތައް ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓަށް ލިބޭގޮތަށް އެކުލަވާލާފައިވާ ބިލު މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި (އެމް.އެލް.ސީ.އޭ) މި ބަޔާނުގައި ބައިވެރިވާ 7 ޖަމިއްޔާއިން އަނބުރާ ގެންދިއުމަށް ގޮވާލަމެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓުގެ އިހުތިޔާރަށް ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ވަސީލަތްތައް އަތުލުމަށް މަގުފަހިކުރާ މި އިސްލާހަކީ ބާރުތައް މަރުކަޒުކޮށް މުޖުތަމައުތައް މަރުކަޒީ ސަރުކާރަށް ބަރޯސާ ކުރުވުމަށް ހިންގާ ހަރަކާތަށް އިތުރުވި އަމަލެއް ކަމުގައި މިޖަމިއްޔާތަކުން ދެކެމެވެ.
މިހާރު ހުށަހެޅިފައިވާ ބިލުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައް
ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިމާއި، ފަޅާއި، ކަނޑުގެ ސަރަހައްދުތައް ސަރުކާރަށް ނެގޭގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ލާމަރުކަޒީ ނިޒާމް އިތުރަށް ހީނަރު ކުރުވާނެ ނިންމުމެކެވެ. ރަށްރަށުގެ ބިމާއި، ފަޅާއި، ކަނޑުގެ ސަރަޙައްދަކީ އެ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދިރުމެވެ.
ސަރުކާރުގެ އިހުތިޔާރީ ނިންމުމަކުން މި ވަސީލަތްތައް އަތުލުމަކީ، ގާނޫނުއަސާސީއިން ލާމަރުކަޒީ ނިޒާމް މެދުވެރިކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަމިއްލަ ރަށުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ހައްގު ނިގުޅައިގަތުމެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ވަސީލަތްތައް ރައްޔިތުންގެ ބަހެއްނެތި ސަރުކާރަށް ނަގާ ގޮތަށް އޮތުމުން މުޖުތަމައުގެ ކަންކަން ކުރުމަށް ބޭނުންވާ އާމްދަނީ ގެއްލި، މުޖުތަމައު ހިންގުމަށްޓަކައި މަރުކަޒީ ސަރުކާރަށް އިތުރަށް ބަރޯސާވާންޖެހޭ ގޮތަށް ނިޒާމް ތަރުތީބު ކުރެވޭނެއެވެ. މިކަމުގެ އެންމެ ފަހުގެ މިސާލަކީ އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި އަދި ހަންކެޑެ އުނިކުރުމެވެ.
ޖަމިއްޔާތަކުން ހުށަހަޅާ އިސްލާހުތައް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު (ކުޑޫ) އިބްރާހީމްވަނީ ކައުންސިލްތަކުގެ ޖަމިއްޔާގެ އެހީތެރިކަމާއެކު ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުގައިވާ ގޮތުން ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް، ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއް ނެގޭނީ އަންނަނިވި މަރުހަލާތައް ފުރިހަމަކުރުމަށްފަހުގައެވެ.
ކައުންސިލާއެކު މަޝްވަރާކުރުން: މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހުތިސާސަށް ބަދަލު ގެނައުމަށް ނުވަތަ މުދަލެއް ނެގުމަށް އެދޭނަމަ އެކަމާގުޅޭ ރަށުގެ ނުވަތަ ސިޓީ ކައުންސިލާއެކު ރަސްމީކޮށް މަޝްވަރާކުރުން.
އުސޫލުތައް ޝާއިއުކުރުން: އިހުތިސާސާއި ވަސީލަތްތައް ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން އާންމުކޮށް ޝާއިއުކުރުން.
އާންމު ބައްދަލުވުމެއް ބޭއްވުން: ސަރުކާރުގެ އެދުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ ހިޔާލު ހޯދުން.
އާންމު މަންފާ ހާމަކުރުން: އެ ސަރަހައްދެއް ނެގުމަކީ މުޅި ދައުލަތުގެ ނުވަތަ އާންމު މަންފާއަށްޓަކައި ކުރެވޭ ކަމެއްކަން ސަރުކާރުން ސަރީހަކޮށް ބަޔާންކޮށް ޝާއިއުކުރުން.
މި ހުށަހެޅުންތަކުގެ އަމާޒަކީ މަރުކަޒީ ސަރުކާރުން ކަންކަން ނިންމުމުގައި ގާނޫނު އަސާސީ ރޫހާ އެއްގޮތަށް ކައުންސިލްތަކާ ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ކަންކަން ނިންމުމަށް ބާރު އެޅުމެވެ.
ގޮވާލުން
މިބަޔާނުގައި ބައިވެރިވާ ޖަމިއްޔާތަކުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ:
ހުށަހެޅިފައިވާ އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް.
ލާމަރުކަޒީ ގާނޫނާއި، ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ހީނަރުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް.ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރާނެ އިޖުރާއަތެއް އެކުލަވާލުން.
ލާމަރުކަޒީ ނިޒާމަކީ މަރުކަޒީ ސަރުކާރުން ސިޓީތަކާ ރަށްތަކަށް ދޭ އިނާޔަތެއް ނޫނެވެ. އެއީ ދިވެހރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީއިން ކަށަވަރުކޮށދޭ އަސާސީ ހައްގުތައް ދިފާއުކޮށްދޭ ނިޒާމެކެވެ.
— ނިމުނީ —
މި ބަޔާނާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަންގެ ކޮންސަލްޓަންޓް އައިމަން ރަޝީދަށް (7908967) ގުޅުން އެދެން.
ތިރީގައިވާ ޖަމިއްޔާތަކުގެ ތާއިދާއެކު:
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ޒީރޯ ވޭސްޓް މޯލްޑިވްސް
ބިލީފް މޯލްޑިވްސް
ސޭވް މޯލްޑިވްސް ކެމްޕެއިން
ޕްރޮޖެކްޓް ތިމާވެށި
މޯލްޑިވްސް ރެޒިލިއަންޓް ރީފްސް
އީކޯ ކެއާރ
