އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅި ނަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް

23/08/2026

ޓްރާންސްޕޭރަންސީ މޯލްޑިވްސްއަކީ ހިންގުމުގެ ދާއިރާގައި ހާމަކަން އިތުރުކޮށް، ޒިންމާދާރުކުރުވުން ހަރުދަނާކުރުމަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް ގެނައުމަށް ބާރުއަޅާ ޖަމްޢިއްޔާއެކެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ ކޮރަޕްޝަނާއި، އޭގެ ސަބަބުން މުޖުތަމަޢުއަށާއި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު އާންމުން ހޭލުންތެރިކުރުވައި، އެކަމާ ގުޅޭގޮތުން ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމެވެ. މި މަސައްކަތުގައި ކޮރަޕްޝަންގެ ހުރިހާ ބާވަތެއް ހުއްޓުވުމަށްޓަކައި، ފަރުދުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، މީޑިއާ އާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރަށު ފެންވަރުގެ ޖަމާޢަތްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކޮރަޕްޝަން ހުއްޓުވުމަށާއި، ނިޒާމީ މައްސަލަތައް ޙައްލުކުރުމަށް ކުރާ މަސައްކަތުގައި، ހާމަކަމާއި އެކު މަޢުލޫމާތު ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން, މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލުމަށްޓަކައި، 2013 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ގާތުން ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މަސައްކަތްކޮށްފައިވެއެވެ. އަދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަސްދީޤުކުރެވުނު ފަހުން، މި ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް ވަކާލާތުކުރުމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ 12 އަހަރު ކޮށްފައިވެއެވެ.  އެސެސްމަންޓްތަކާއި، ޙާއްސަ ތަމްރީނުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް މެދުވެރިކޮށް، އަމިއްލަ އިސްނެގުމުގެމަތިންނާއި މަޢުލޫމާތަށް އެދުމުން ހާމަކުރުމުގެ ނިޒާމުތައް ޒިންމާދާރުކޮށް ވަރުގަދަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ގިނަ  މަސައްކަތްތަކެއް ކޮށްފައެވެ.

މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރި މަސައްކަތުން ފާހަގަ ކުރެވެނީ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ކޮމިޝަނަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި، ޤާނޫނު ފުރިހަމައަށް ތަންފީޒު ނުކުރެވި, އެކަމުގެ ސަބަބުން ރައްޔިތުންނަށް މި ޙައްޤު ލިބިގަތުމުގެ ފުރުޞަތާއި، އެ ޙައްޤު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުޞަތު ހަނިވެފައިވާކަން  ފާހަގަކުރަމެވެ. ހަމަ އެހެންމެ، ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރުގެ ދައުރުގައި ފަރުމާކުރެވުނު މަޢުލޫމާތު ހޯދުމުގެ ފޯމުގައި މި ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ފަރުމާކުރުމާއި، މިމައްސަލައާއި ގުޅޭ ކަންބޮޑުވުންތައް ޙައްލުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރި މަސައްކަތްތައްވެސް ބެލުމެއްނެތި ދޫކޮށްލާފައިވާކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން، ޤާނޫނުގައި ލާޒިމުކޮށްފައިވާ، އަދި އެކަމަށް މިޖަމްޢިއްޔާއިން ބާރުއަޅަމުން ދިޔަ ޢާންމު އަޑުއެހުން އެންމެ ފުރަތަމަ ފަހަރަށްވެސް ބޭއްވުނީ 10 ޖުލައި 2019 ވަނަ ދުވަހު، ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު މަޤާމުން ވަކިވުމުގެ 12 ދުވަސް ކުރިންނެވެ. މި ޤާނޫނު ފުރިހަމައަށް ތަންފީޒުކޮށް، ރައްޔިތުންނަށް މި ޙައްޤު ފުރިހަމަގޮތުގައި ލިއްބައިދީ ބޭނުންކުރަން ފެށުނީ، ފުރަތަމަ ދައުރު ނިމި, ދެވަނަ އިންފޮމޭޝަން ކޮމިޝަނަރ ޢައްޔަނުކުރެއްވުމަށް ފަހުގައިކަންވެސް ފާހަގަކުރަމެވެ.

މިހާރު މަޢުލޫމާތު ހޯދުމުގެ ޙައްޤުުގެ ނިޒާމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރައްޔިތުންގެ އިތުބާރު އިތުރުވެފައިވާކަން ފާހަގަކޮށް, އިސްވެ ފާހަގަ ކުރެވުނު ކަންބޮޑުވުންތަކާއި ގުޅިގެން، ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރަކީ މި މަޤާމަށް އެންމެ ޤާބިލް ފަރާތެއްކަމަކަށް މި ޖަމްޢިއްޔާއަކުން ނުދެކެމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަން ފާސްނުކޮށް، އަލުން މި މަޤާމަށް ނަން ހުށަހަޅަން ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ.

.