View and Download the Press Statement in: Dhivehi
ބިނާވެށި ޕްލާން ކުރުމާއި ހިންގުމުގެ ގާނޫނާއި، އާރބަން ޑިވެލޮޕްމަންޓް ބިލާއި ގުޅިގެން މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމް.އެލް.ސީ.އޭ ކައުންސިލް ތަކުގެ ޖަމިއްޔާ) އަދި
ޓްރާސންޕޭރެންސީ މޯލްޑިވްސް (ޓީ.އެމް) އިން ބޭއްވި ލޯކަލް ގަވަރނަންސް ފޯރަމުގެ ނޫސް ބަޔާން
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އަދި ޓްރާސންޕޭރެންސީ މޯލްޑިވްސް (ޓީ.އެމް) އިން ބޭއްވި ފޯރަމުގައި ބިނާވެށި ޕްލާން ކުރުމާއި ހިންގުމުގެ ގާނޫނާއިި، އާރބަން ޑިވެލޮޕްމަންޓް ބިލު ފުޅާ ދާއިރާއްގައި ރައްޔިތުންނާ ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އަލުން ފަރުމާ ކުރުމަށް ގޮވާލައިފިއެވެ.
ބިނާވެށި ޕްލާން ކުރުމާއި ހިންގުމުގެ ގާނޫނާއި، އާރބަން ޑިވެލޮޕްމަންޓް ބިލުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުއަށް ފައިދާވާ ގޮތަށް މުޖުތަމައުގެ ވަސީލަތްތައް ރާވާ ތަރުތީބު ކުރުމުގެ ބާރު ރައްޔިތުންނާ މުޖުތަމައުތަކަށް ގެއްލިގެން ދިއުމެވެ. މިކަމުގެ ސަބަބުން ތިމާވެށީގެ ބިމާ ފަޅުގެ ވަސީލަތްތައް ރަށްރަށުގެ ވަޒަންވެރިންގެ އިގްތިސާދީ އަދި އިޖްތިމާއީ ބޭނުންތަކަށް ތަރުތީބުކުރުމުގެ ދޮރު ބަންދު ވާނެއެވެ. އަދި ރައްޔިތުންގެ ބައިވެރިވުން ކުޑަވުމުގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލްތަކުގެ ދައުރު ހަނިވެ، ހާމަކަންކުޑަވެ، ކޮރަޕްޝަނަށް ފުރުސަރުތުހުޅުވޭނެއެވެ.
މުޖުތަމައުގެ ވަޒަންވެރިންގެ އުންމީދުތަކާއި އެއްގޮތަށް ޕްލާންކުރެވޭނީ ކައުންސިލްތަކާ ރައްޔިތުންގެ ބަހާއި ބައިވެރިވުމާއެކު ފަރުމާ ކުރާ ގާނޫނާއި ޕްލާން މެދުވެރިކޮށްކަން ކަށަވަރެވެ. ގައުމީ ޔުނިވާސިޓީއާއި މިދާއިރާގެ ދިރާސާތަކުން ދައްކަނީ ރައްޔިތުންގެ މެދުގަ ލާމަރުކަޒީ ނިޒާމަށް އިތުބާރު އޮތްކަމަށާއި، ލާމަރުކަޒީ ނިޒާމުން ރައްޔިތުންގެ ބައިވެރިވުން އިތުރު ކޮށްދޭ ކަމެވެ. ބައިނަލްއަގުވާމީ ދުނިޔޭގެ ތަޖުރިބާއަކީ ރައްޔިތުންގެ ބައިވެރިވުމާއި ހާމަކަން ބޮޑު ހެޔޮހިންގުމަކަށް ލާމަރުކަޒީ ނިޒާމެއްގެ މުހިއްމުކަމެވެ.
އެހެން ކަމުން، ކައުންސިލްތަކުގެ ޖަމިއްޔާއާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ބިނާވެށި ޕްލާން ކުރުމާއި ހިންގުމުގެ ގާނޫނާއި، އާރބަން ޑިވެލޮޕްމަންޓް ބިލު ފުޅާ ދާއިރާއްގައި ރައްޔިތުންނާ ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އަލުން ފަރުމާ ކުރުމަށް ގޮވާލަމެވެ.