Transparency Maldives calls on State Institutions to conduct an independent investigation of the brutal murder of human rights activist Yameen Rasheed.

Transparency Maldives calls on State Institutions to conduct an independent investigation of the brutal murder of human rights activist Yameen Rasheed.

ޔާމީން ރަޝީދު މަރާލުމުގެ އަމަލު ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ބަޔަކާއި ސަބަބު ހާމަކުރުމަށް ގޮވާލަން

ރޭގެ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދަކީ ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު ހަރުދަނާކުރުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްގޮވާލާ އަދި ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަކަށް ގެނައުމަށް ކެނޑިނޭޅި ވަކާލާތުކުރަމުންއައި ހިތްވަރުގަދަ ޒުވާނެކެވެ. އަދި 2014ގައި ވީނުވީއެއްނޭނގި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ހިއުމަން ރައިޓްސް އެކްޓިވިސްޓް، އަހުމަދު ރިލުވާންގެ އެންމެ ގާތް އެއް އެކުވެރިއެކެވެ. ޔާމީން ރަޝީދުގެ މަރާއިގުޅިގެން މިނިވަން، ހާމަކަންބޮޑު އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ޝަރުއީ މުއައްސަސާތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ މުއައްސަސާތަކަށް ގޮވާލަމެވެ.

ޔާމީން ރަޝީދު މަރާލާފައިމިވަނީ އެކިފަރާތްތަކުން އޭނައަށް މަރުގެ އިންޒާރު ދީފައިވަނިކޮށެވެ. އަދި މިފަދަ އިންޒާރުތަކުގެ މައުލޫމާތު ޔާމީން ރަޝީދުވަނީ ފުލުހުންނާ ހިއްސާކޮށް، މައްސަލަ ބަލައިދިނުމަށް އެދިފައެވެ. ނަމަވެސް ޔާމީން ރަޝީދު ހުށަހެޅި މައްސަލަތަކަށް ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން ޓްރާސްންޕޭރަންސީ މޯލްޑިވްސްއާވެސް ހިއްސާކޮށްފައިވެއެވެ. މިފަދަ ހަމަލާތަކަކީ ސީދާ މިނިވަން ހިޔާލާއި ދެކޮޅަށްދެވޭ ހަމަލާތަކެއްކަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގަބޫލުކުރަމެވެ. އަދި ކުރީގައި ދެވިފައިވާ މިފަދަ ހަމަލާތަކުގެ ހަގީގަތް މިހާތަނަށް ހޯދިފައިނުވާކަމީ ދައުލަތުން މިފަދަ ކަންކަމަށްދޭ އަހައްމިޔަތުގެ ހީނަރުކަން ދައްކުވައިދޭ ކަމެއްކަމުގައިވެސް ދެކެމެވެ. މިފަދަ ކަންކަމުގައި އިންސާފު ގާއިމުނުވުމަކީ، އަނިޔާވެރި ޖަރީމާތައް ހިންގާ ފަރާތްތަކަށްލިބޭ ހިތްވަރެއްވެސްމެއެވެ. މިގޮތުން ޑރ.އަފްރާޝީމު އަލީގެ މަރުގެ ފަހަތުގައިތިބި ބަޔަކާއި ސަބަބު ހޯދިފައިނުވުމާއި، އަހުމަދު ރިލްވާން ވަގަށްނެގިބަޔަކު ހޯދިފައިނުވުން ފާހަގަކުރެވެއެވެ.

މިފަދަ ގަތުލުއާމުތަކުގެ ހަގީގަތް ހާމަނުވާހާހިނދަކު ދިވެހިރާއްޖޭގައި އިންސާފު ގާއިމުކުރެވިދާނެކަމީ ސުވާލުއުފެދޭ ކަމެކެވެ. ހަމަޖެހޭ، އިންސާފުވެރި މުޖުތަމައެއް ހޯދައިދެވޭނީ ދައުލަތުން ވަކިވަކި ފަރުދުންގެ ހައްގު ހިމާޔަތްކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ޔާމީން ރަޝީދުގެ މަރާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ވީހާވެސް އަވަހަކަށް މިކަން ފުރިހަމައަށް ތަހުގީގުކޮށް، މިކަމުގެ ފަހަތުގައިވާ ބަޔަކާއި ސަބަބު ހާމަކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ.

މިހިތާމަވެރި ވަގުތުގައި ޔާމީން ރަޝީދުގެ އާއިލާއާއި އެކުވެރިންނަށް ތައުޒިޔާ ދަންނަވާ ކެތްތެރިކަމާއި ހިތްވަރަށް މިޖަމިއްޔާއިން އެދެމެވެ.

ނިމުނީ.   

Download our press statement here