Joint Press Statement: The leasing of the Fenfushi Lagoon for tourism development is highly concerning and we call on the State to ensure no development project be conducted on this lagoon

View/Download the Press Statement here SAMPA Statement - 28 June 2022 (1)

ނޫސްބަޔާން، 28 ޖޫން 2022

ފެންފުށީ ފަޅަކީ، އާންްމު ރައްޔިތުންނާއި، ތިމާވެށްޓާއި އަދި ސަންޕާއަށް ނުހަނު މުހިންްމު ފަޅަކަށްވާތީ، މި ފަޅުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ދިނުމާއި މެދު ޖަމިއްޔާތަކުން  ކަންބޮޑުވުން ފާޅުކޮށް މިފަޅުގައި އެއްވެސް ކަހަލަ މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް މިޖަމިއްޔާތަކުން ގޮވާލަން

އދ. ފެންފުށީ ފަޅަކީ ހިމާޔަތްކޮށްފައިވާ، ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ ފަޅަކަށްވާއިރު، އެފަޅުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ދިނުމަކީ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވަނީ މިކަމާއި ދެކޮޅަށް ކަަމާއިގުޅުންހުރި މާހިރުން އަޑުއުފުލާ ޓޫރިޒަމް މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިވަނިކޮށް، އެކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއްނެތި، ސަންޕާއަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި، އަދި ލިބިދާނެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރިއާލާ އަމިއްލައަށް އިސްނެގުމުގެ މަތިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިކަން ނުވަތަ އަޅާނެކަން ބަޔާންކުރުމެއްނެތިއެވެ. 

 ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިމިވަނީ، ފެންފުށީ ރައްޔިތުންގެ ގިނަ ބޭނުންތަކަކަށް ބޭނުންކުރަމުން އަންނަ ފަޅެއްގައި ކަމަށްވުމުން، ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން ދެކޮޅުހަދާ ކަމެއްކަމަށް ފެންފުށީ ކައުންސިލްއިން މީޑިއާގައިވެސް ހާމަކޮށްފައިވަނިކޮށެވެ. ފެންފުށީ ފަޅަކީ، ފެންފުށީގެ ރައްޔިތުން ފަރު މަސްވެރިކަމާއި، ހުއިފިލަނޑާ ނެގުންފަދަ އިގުތިސާދީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ ހޯދުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން، ކޯމަސް ބެލުންފަދަ ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދެކެވެ. އަދި މީގެ އިތުރުން، މިފަޅަކީ ކޯމަހާއި ޒިބްރާ ޝާރކް އަދި އެހެނިހެން މަސްމަހާމެހި، އާލާވެ އެ ދިރުންތައް ބޮޑުވުުގެ މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.  މިފަޅު ހިއްކައިފިނަމަ، ފެންފުށީގެ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށްް ނޭދެވޭ އަސަރުތަކެއްކުރުމުގެ އިތުރުން، ފެންފުށީ ފަޅަށް ސީދާ ގޮތުގައި ގެއްލުން ލިބި، ކައިރި ސަރަހައްދުތަކުގެ ފަރުތައް ރަނގަޅު ސިއްހަތެއްގައި ދެމިއޮތުމަށް ބޭނުންވާ މޫދުއަޑީގެ ދިރުންތަކަށް އަސަރުކުރާނެއެވެ.   

ސަންޕާއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ރާއްޖެއިން ފެހުރިހި ފެންނަ ހަމައެކަނި ސަރަހައްދެވެ. މިއީ މިހާރުވެސް އެންމެ ގިނަ ރިސޯޓުތައް މުޅި ރާއްޖޭގައި ހެދިފައިވާ ސަރަހައްދެވެ. އަދި ގެސްޓްހައުސް އާއި ޑައިވް  ވިޔަފާރި ފުޅާދާއިރާއެއްގައި މިސަރަހައްދުގައި ހިންގޭ އެންމެ ބޮޑު އެއް ސަބަބަކީ އެސަރަހައްދުގައި ސަންޕާ އޮތުމެވެ. ސަންޕާގެ ވަށައިގެންވާ ބަފަރޒޯންގައި މީގެ ކުރިން ހިންގާފައިވާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ވަނީ ސަންޕާއަށް ކޮށްފައެވެ. މިގޮތުން، ވިލާ ކުންފުނިން ހިންގާ މާމިގިލީ އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބިންހިއްކުމުގެ ސަބަބުން، ސަންޕާގެ ލޮނުގަނޑު ތަގައްޔަރުވެ، އޭގޭ ނޭދެވޭ އަސަރު އެތަށް މަހެއްވަންދެން ކޮށްފައިވެއެވެ.  

ފެންފުށީ ފަޅަކީ ސަންޕާ އާއި އިންވެގެން އޮންނަ ފަޅަކަށްވުމުން، އެފަޅު ހިއްކައިފިނަމަ، ސަންޕާއަށް އިއާދަނުކުރެވޭނެފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އެސަރަހައްދުގެ ނާޒުކު ތިމާވެށި އިތުރަށް ހީނަރުވާނެ ކަން ވަރަށް ސާފެވެ. އަދި ކްލައިމެޓް އިމަޖެންސީގެ ހާލަތެއް ރާއްޖޭގައި އިއުލާނުކޮށްފައިވާއިރު މިފަޅުހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެދި ޓޫރިޒަމް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި މިނިސްޓްރީއިންވަނީ،  ބިންހިއްކުމުގެ މަޝްރޫއުތައް ހިންގާނީ އީއައިއޭ އެއްހެދުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާލާއިރު، ރާއްޖޭގައި އީއައިއޭ ބޭނުން ކުރަނީ ހަގީގަތުގައިވެސް ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރަށްބެލުމެއްނެތި، މަޝްރޫއުތައް ހިންގުމަށް ފެހި ސިގުނަލެއް ދޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އީއައިއޭއަކީ ސިޔާސީ ނުފޫޒުންއެއްކިބާވެ، އޭގެ އަސްލު މާނާގައި ބޭނުންކުރާ ފަންނީގޮތުން އޮށްޓަރުހުރި ވެށިހިމާޔަތްކުރުން އިސްކުރާ އިޖުރާއީ ވަސީލަތަކަށް ހެދުމަށްޓަކައި ހެދުމަށްޓަކައި  އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް  ހަދަންޖެހޭކަން މިފުރުސަތުގައި ތަކުރާރުކޮށް ފާހަގަކުރަމެވެ.   

ގާނޫނީ ގޮތުން ހިމާޔަތްކުރެވިފައިވާ މިފަދަ މުހިންމު ސަރަހައްދަކާ ކައިރިން ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިމުމަށް ފަޅެއް ދެވޭއިރު، ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް އެފަޅަކީ އެއްވެސް ކަހަލަ މަޝްރޫއެއް ހިންގުމަށް ދެވިދާނެ ފަޅެއްތޯ ބަލާ ޔަގީން ކުރަންޖެހެވެ.   

ފެންފުށީ ފަޅަކީ، އާންްމު ރައްޔިތުންނާއި، ތިމާވެށްޓާއި އަދި ސަންޕާއަށް ނުހަނު މުހިންމު ފަޅަކަށްވާތީ، މިފަޅުގައި އެއްވެސް ކަހަލަ މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް މިޖަމިއްޔާތަކުން ގޮވާލަމެވެ. އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް އިސްކޮށް ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކަަކީ އެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ކަންކަމަށް ހެދުމަށްވެސް ގޮވާލަމެވެ. އަދި ކްލައިމެޓް އިމަރޖެންސީއެއް އިއުލާނުކޮށް، ސަރުކާރުން ހަރުއަޑުން ހަރުދަނާ ކްލައިމްޓް އެކްޝަންއަށް ގޮވާލާ ބޭރު ދުނިޔޭގައި ވަކާލާތު ކުރަމުންދާއިރު، ދިވެހިރާއްޖޭގައި ސަރުކާރުން ފަރުމާކޮށް ރާވާ ހިންގާ ގެއްލުންދެނިވި މަޝްރޫއުތައް ހުއްޓާލުމާއެކު، ބަހާ އަމަލާ ދިމާވާގޮތައް ސިޔާސަތު ތަންފީޒުކޮށް ސަރުކާރުގެ އަމަލުތަކަކީ ރައްޔިތުންގެ ކުރިމަތީގައި އިތުބާރުހިފޭ އެއްޗަކަށް ހެދުމަށް ގޮވާލަމެވެ.